(21)،(22) އަދި ފިނިކަންދޭ ހިޔާގަނޑާއި ހޫނުކަން އެއްވަރުނުވާނެއެވެ. (އެބަހީ ثواب އާއި عقوبة ނުވަތަ ސުވަރުގެއާއި ނަރަކަ ހަމަހަމަނުވާނެއެވެ.) އަދި ދިރިތިބި މީހުންނާއި މަރުވެފައިވާމީހުން އެއްވަރު ނުވާނެއެވެ. (އެބަހީ: ކާފަރުންނާއި މުއުމިނުން ނުވަތަ عالم ންނާއި جَاهل ން އެއްވަރު ނުވާނެއެވެ.) ހަމަކަށަވަރުން ﷲ ތަޢާލާ އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އިއްވަވައެވެ. (އަދި ކިޔަމަންތެރި ވުމަށް تَوْفِيْق ދެއްވައެވެ.) އަދި އެކަމަކު قَبْر ތަކުގައިވާ މީސްތަކުންނަށް އިއްވެވޭނޭ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ. (ޔަޢުނީ، ހިތްތަށް ކާފަރުކަމުގެ ސަބަބުން މަރުވެފައިވާ މީސްތަކުންނަށް އެއިން ފައިދާކުރާފަދަ އިއްވުމަކުން އިއްވޭނެ ބޭކަލަކުކަމުގައި ކަލޭގެފާނު ނުވެއެވެ.)