(46) އަދި ތިމާ ހައްދަވައި ބޮޑުކުރެއްވި ربّ ގެ حضرة ގައި قيامة ދުވަހުން ހުންނަންޖެހޭ مقام އާމެދު ބިރުވެތިވެއްޖެ މީހަކަށް قيامة ދުވަހުން ދެ ބަގީޗާ ވެއެވެ. ނުވަތަ ތިމާ ދުނިޔޭގައި އުޅޭއިރު الله تعالى ތިމާގެ عمل ތަކާމެދު އަބަދާ އަބަދު ބައްލަވާވޮޑިގެންވާ ކަމާމެދު ބިރުވެތިވެ، ނުބައި ކަންތައް ދޫކޮށް، ހެޔޮ عمل ކުރި މީހަކަށް قيامة ދުވަހުން الله تعالى ދެ ސުވަރުގެ ދެއްވާ ހުއްޓެވެ. އެއީ والنّازعات ސޫރަތުގައިވާ (وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ ٤٠ فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ ٤١) މި އާޔަތުންވެސް دليل ކުރާ ގޮތެވެ. މިއާޔަތުގެ މާނައީ: އަދި ތިމާ ހައްދަވައި ބޮޑުކުރެއްވި ربّ ގެ مقام އާމެދު ބިރުވެތިވެ އަދި ތިމާގެ هوى نفس ގެ އެދުންތައް نهي ކޮށް ދުރުކޮށްފި މީހާ ދަންނައެވެ. ފަހެ އެމީހަކަށް ހުރި ތަނަކީ مَأْوٰى އެވެ. ކިޔުނު ސުވަރުގެއެވެ. ބަގީޗާއެވެ. މިއެވެ.