(49) (އަދި އޭނާއަށް ތިޔަ ބޭކަލުން / އެ ކުށްވެރި ކަލޭގެއަށް ވިދާޅުވާށެވެ.) ކަލޭ މި عذاب ގެ ރަހަ ލިބިގަންނާށެވެ. ކަލެޔަކީ عزّة ތެރި، މާތް މީހާއެވެ. (މިއީ މަލާމާތުގެ ރާގަކަށް ވިދާޅުވާ، ވިދާޅުވުމެކެވެ.)
• ދަންނައެވެ. މި އާޔަތުގައި އެވާ "ކަލެޔަކީ عزّة ތެރި، މާތް މީހާއެވެ." މިހެން އެވަނީ ނަރަކައިގައި أبو جهل އަށް عذاب ދެއްވޭ ވަގުތު އޭނާޔާ ދިމާއަށް ބުނެވޭ މަލާމާތުގެ ބަސްފުޅެއް ކަމުގައި ވެއެވެ. އެކަން އެހެން ދިމާވި ސަބަބެއް ކަމުގައި ވަނީ رسول الله ﷺ އޭނާއަށް دين ގެ ވާހަކަ ދެއްކެވި ވަގުތެއްގައި އޭނާ ދެންނެވީ "ކަލޭގެފާނަކަށްވެސް، އަދި ކަލޭގެފާނުންގެ ސާހިބާއަކަށްވެސް އަހުރެންނަށް އެއްވެސް ގޮތެއް ނެހެދޭނެއެވެ. އަހުރެންނަކީ މި بطماء ގައިވާ އެންމެ ގަދަފަދަ މީހާއެވެ. އަހުރެންނަކީ العزيز الكريم އެވެ. (يعني: އަހުރެންނަކީ عزّة ތެރި، މާތް މީހާއެވެ.)" އެކަމުގެ މުނާސަބަތުގައި ނަރަކައިން عذاب ދެއްވޭ ވަގުތު އެ كلمة އޭނާއަށް ހަނދާންކޮށްދެއްވީއެވެ. والله أعلم.